ދިވެހިރާއްޖޭގެ މުޅި އާބާދީގެ ހަތް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް 14,188 މީހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނިފައެވެ. މި ފަރާތްތަކުގެ ފަރުވާއަށް އަހަރަކު ގިނަ މިލިއަން ރުފިޔާ ޚަރަދުކުރެވެއެވެ. މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ބައެއް ފަހަރު މުޖުތަމަޢުން މި ފަރާތްތައް އެކަހެރިކުރާ ހާލަތްތައް ދިމާވެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، މުޖުތަމަޢުގެ އެހީތެރިކަމާއި ރައްކާތެރިކަން ލިބިއްޖެނަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ކަމަށެވެ. އަދި މި ފަރާތްތަކަށް ތަޢުލީމާއި ތަޖުރިބާ އަދި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބުމަކީ، އެ ފަރާތްތަކުގެ މަސައްކަތުގެ ޤާބިލުކަން އިތުރުކޮށް، ވަޒީފާގެ މައިދާނަށް ނުކުތުމަށް ހިތްވަރުދޭ ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
އަދި ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކޮށް، މިފަދަ ޕްރޮގްރާމްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތަކާމެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވެ، އެ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކުރެވޭ މިންވަރު އިތުރުވާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.



