ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން އެ މައްސަލައިގެ ތަހުގީގު ނިންމައި، ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބެލުމަށް ރައީސް އެކުލަވާލެއްވި ކޮމިޝަނުން ވަނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ކަމާގުޅޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމާއެކު، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް ތަހުގީގު ފުރިހަމަކޮށްފައެވެ. އަދި އަންގާރަ ދުވަހު ކޮމިޝަނުން އެކްސްގައި ޕޯސްޓްކުރި މަޢުލޫމާތުގައި ވަނީ މަސައްކަތް ނިންމައި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ރައުދު އަހުމަދު ޒިލާލު ދޫކޮށްލެވުނީ، އޭނާގެ މައްޗަށް ކުށް ސާބިތުވެދާނެ ހާލަތެއްގައި ކުރެވިދާނެ ހުކުމަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަވެދާނެކަމަށް ފެންނާތީކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ތަހުގީގު ކުރިއަށްގެންދާއިރު، ޔުމްނުގެ ބަޔާން ނެގުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް، އާއިލާގެ އެއްބާރުލުން ނުލިބޭކަމަށާއި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުންނާ ހިއްސާކޮށްފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.
އާއިލާގެ އެއްބާރުލުން ނުލިބުމާ ގުޅިގެން، މިހާރު ވަނީ މެލޭޝިއާގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައެވެ. ރައުދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ.



