މެރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ދުބާއީއަށް ވަޑައިގެންފިއެވެ.
މި މަހުގެ 18 އާއި 19 އަށް ބޭއްވޭ މި ސަމިޓުގައި، އެކަމަނާ ވާހަކަފުޅު ދައްކަވާނެއެވެ. އަދި އިފްތިތާޙީ ޖަލްސާއާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ އަންހެނުންގެ ދަރިމައިވުމުގެ ސިއްޙަތާ ގުޅޭ ގޮތުން ހުރި ހުރަސްތައް ނައްތާލުމާއި، އަންހެން ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ޞިއްޙީ ދާއިރާގެ ފަންނީ މީހުން އިތުރުކުރުމުގެ މައްސަލަތަކާ ގުޅޭގޮތުންނެވެ.
އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، ޓެންޒޭނިއާގައި ބޭއްވުނު މެރކް ފައުންޑޭޝަންގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ފަހުން ހާސިލުކުރެވުނު ކާމިޔާބީތަކާއި ކުރެވުނު މަސައްކަތްތައް ދިރާސާކުރެވޭނެއެވެ. އެ ކޮންފަރެންސްގެ ކާމިޔާބު މަޝްވަރާތަކަށްފަހު، މެޑަމް ސާޖިދާއަށް ވަނީ “މޯ ދެން އަ މަދަރ” ޕްރޮގްރާމުގެ ސަފީރުކަން ހަވާލުކޮށްފައެވެ.
މެޑަމް ސާޖިދާ މިހާރު ގެންދަވަނީ މެރކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން އެކަމަނާ ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަނީ ދަރިމައިވުމުގެ ސިއްޙަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށެވެ. އަދި މީގެ އިތުރުން ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށްވެސް އެކަމަނާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައެވެ.