ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމިފައިވީ ނަމަވެސް، ކޮންޓްރެކްޓަރުން ހުށަހަޅަންޖެހޭ މުހިންމު ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުން ލަސްވެފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ފާހަގަކުރެއްވީ ޔޫއާރްއޭއަށް ހުށަހަޅަންޖެހޭ ބައެއް މުހިންމު ލިޔެކިޔުންތައް ކޮންޓްރެކްޓަރުން ހަމަނުކުރުމުގެ ސަބަބުން ގިނަ ރަށްތަކުގައި ޚިދުމަތް ދިނުމުގެ ހުއްދަ ނުލިބި ލަސްވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، މި މައްސަލަ ހައްލުކުރުމަށްޓަކައި އިންވަޔަރަމެންޓް މިނިސްޓްރީއާއެކު މަސައްކަތްކުރަމުންދާ ކަމަށާއި، ޔޫއާރްއޭގެ އުސޫލުތައް ލުއިކޮށްގެން ނަމަވެސް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.



