ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާއި ޙިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މާލޭގެ މަގުތަކުގައި އާންމު ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި، ހިތިގަސް މަގު ކަންމަތިން ފެށިގެން ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ހަމައަށް، އާންމު ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ބާއްވާފައި ހުންނަ އުޅަނދުތައް ނެގުން ހިމެނެއެވެ.
މި މަގުގައި ގަވާއިދާ ޚިލާފަށް އުޅަނދު ބާއްވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެކަން ފުލުހުން ވަނީ އަންގާފައެވެ. އަދި މި ސަރަހައްދުގައި އުޅަނދު ޕާކުކުރުން މަނާކަން އެންގުމަށް ކޯނާއި ޓޭޕު އަދި ބެރިކޭޑު ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. ނަގާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރުފަހުން، 750 ރުފިޔާގެ ޖޫރިމަނާއާއެކު، ކުރިން ނުދައްކާ ހުރި ޖޫރިމަނާތަކާއި އަހަރީ ފީތައް ދެއްކުމުންނެވެ.
މީގެ ކުރިން މަޖީދީމަގުގަިއވެސް ޤަވާއިދާއި ޙިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ވަނީ ނަގާފައެވެ. އެއީވެސް އުޅަނދު ޕާކުކުރުން މަނާ މަގެކެވެ. ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ އެއްވެސް ސަރަހައްދެއްގައި އުޅަނދު ޕާކުކުރުމަކީ މަނާކަމެއް ނަމަވެސް، އާޓިފިޝަލް ބީޗު ސަރަހައްދާއި ސަލްމާން މިސްކިތް ކައިރީގައި އުޅަނދު ޕާކުކުރުން ވަނީ އާދައަކަށް ވެފައެވެ.