މާލޭގައި ގާއިމުކުރާ ފުރަތަމަ ޖީޕީ ކްލިނިކުގެ މަސައްކަތް އަންނަ ދޮޅުމަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މި ކްލިނިކް ގާއިމުކުރަނީ ކޮރަލް ބޮލެވާޑް މާފަންނުގައި ހުންނަ އިމާރާތުގައެވެ.
އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ކްލިނިކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މިއީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދެއްކުމަށް އަންނަ މީހުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިނިސްޓަރ ހާމަކުރެއްވި ގޮތުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި އަދި ހުޅުމާލޭގައި ދެ ކްލިނިކް ހިމެނޭ ގޮތަށް ޖުމްލަ 6 ޖީޕީ ކްލިނިކް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި ކްލިނިކްތަކުން އާންމު ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށާއި، މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގެންގުޅޭ އުސޫލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ނާޘިމް ފާހަގަކުރެއްވި ގޮތުގައި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުން އާދެއެވެ. އޭގެ ތެރެއިން 300 ވަރަކަށް މީހުންނަކީ ޖީޕީ ކްލިނިކްތަކުން ފަރުވާ ހޯދިދާނެ ބައެކެވެ. އެހެންކަމުން، މި ނިޒާމު ތަޢާރަފުވުމުން ހޮސްޕިޓަލުގެ އެމަޖެންސީ ޚިދުމަތާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



