ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައު ބަދަލުތަކެއް ގެނެސްދޭނެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ބައިނަލްއަޤްވާމީ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ. އޭވިއޭޓަރސް މޯލްޑިވްސްއިން ވަނީ އަލަށް ހުޅުވާ މި ޓާމިނަލްގައި އެންމެ ފުރަތަމަ އޮޕަރޭޝަންތައް ފަށާނީ މޯލްޑިވިއަން އެއަރލައިންސްގެ އެއަރބަސް އޭ320 އަދި އޭ330 މަތިންދާބޯޓުތަކުން ކަމަށް ބުނެފައެވެ.
78،000 އަކަ މީޓަރުގެ މި އައު ޓާމިނަލްއިން އަހަރަކު 7 އިން 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އޭވިއޭޓަރސް މޯލްޑިވްސްއިން ބުނެފައިވެއެވެ. މި ޓާމިނަލްގައި 38 އިމިގްރޭޝަން ކައުންޓަރާއި، 40 ގޭޓް ހިމެނެއެވެ. އަދި 6 އެއަރބްރިޖަށްވުރެ ގިނަ އެއަރބްރިޖް، ސެލްފް ސަރވިސް ޗެކްއިން ކިއޮސްކްތައް، ސެލްފް ބެގް ޑްރޮޕް ވަސީލަތްތައް އަދި ޒަމާނީ އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގ ސިސްޓަމެއް ޤާއިމްކުރެވިފައިވެއެވެ.
މި އައު ޓާމިނަލް ހުޅުވުން ވަނީ ތިން މަރުހަލާއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުހަލާ (ފޭސް 1އޭ) ގައި ޖުލައި 26 ގައި މޯލްޑިވިއަން އެއަރލައިންސްގެ އޮޕަރޭޝަންތައް ފެށުމަށްފަހު، ދެވަނަ މަރުހަލާ (ފޭސް 1ބީ) ގައި 2025 ގެ އޮގަސްޓު މެދުތެރޭގައި ނުވައަކަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެއަރލައިންތައް އައު ޓާމިނަލަށް ބަދަލުވާނެއެވެ. އަދި ތިންވަނަ މަރުހަލާ (ފޭސް 2) ގައި 2025 ގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއަރލައިންތަކެއްގެ އޮޕަރޭޝަންތައް އައު ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.
ނަމަވެސް، ފްލޯޓްޕްލޭން ޗެކްއިން 2025 ގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނީ މިހާރުގެ ޓާމިނަލްގައެވެ. މި އައު ޓާމިނަލް ހުޅުވުމާއެކު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާ އެއްފެންވަރުގެ ވޯލްޑް ކްލާސް އެއަރޕޯޓެއްގެ ތަޖުރިބާ ލިބިގެންދާނެއެވެ.



