މަކަރާއި ހީލަތުން ގިނަ އަދަދެއްގެ މީހުންގެ މުދާ ހޯދައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ޒައިދާން މުޙައްމަދު ހާޝިމް، އިތުރު މައްސަލައެއްގައި މިދިޔަ އަންގާރަ ދުވަހު އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ޒައިދާންގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަފްރިން އަކްތަރު (30) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ މަހުގެ އެކި ދުވަސްމަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކަށް ސައްހަނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަތްކަމުގެ މައްސަލައެއް އެ މަހުގެ 16 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގެ ތަހުގީގުގައި، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކަށް ވެސް ސައްހަނޫން ސްލިޕް ފޮނުވައިގެން ޒައިދާން މުދާ ހޯދާފައިވާކަން ވަނީ ހާމަވެފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. މި އެޕާޓްމަންޓުތައް ބަލައި ފާސްކުރުމުން، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ޒައިދާން ވަނީ ހުޅުމާލޭގެ ފިހާރައަކުން 36,467 ރުފިޔާގެ ތަކެއްޗާއި، މާލޭގެ އެއް ފިހާރައަކުން 31,150 ރުފިޔާގެ ތަކެއްޗާއި، އަނެއް ފިހާރައިން 5,817 ރުފިޔާގެ ތަކެތި މަކަރާއި ހީލަތުން ހޯދާފައެވެ. މި މައްސަލައިގައި ޒައިދާން 15 ދުވަހަށް ބަންދުކުރުމަށާއި، އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިހާރު ޒައިދާންގެ މައްޗަށް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ 11 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ދެ މައްސަލައެއްގެ ޝަރީއަތް ވެސް ކުރިއަށްދާކަމެވެ. މީގެ ކުރިން ވެސް ފުޑީސް މެދުވެރިކޮށް 9,000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ކާބޯތަކެތި ގެންގޮސް، ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި މިދިޔަ މަހު ޒައިދާން ވަނީ ހައްޔަރުކޮށްފައެވެ.



