ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 10 މީހަކު އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވައި ދޫކޮށްލައިފި އެވެ. މިއީ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި، ވާނުވާ ބަންދުގައި ތިބެންޖެހޭ މުއްދަތު ދިގުލައިގެން ދިއުމުގެ މައްސަލައަށް ލުޔެއް ހޯދުމަށް އަޅަން ފަށާފައިވާ ފިޔަވަޅެކެވެ.
މި ނިޒާމުގެ ދަށުން ބަންދުން ދޫކޮށްލެވޭ މީހުންގެ ހަރަކާތްތައް 24 ގަޑިއިރު މޮނިޓަރ ކުރެވޭނެ އެވެ. އަދި މި ގޮތަށް ދޫކޮށްލެވެނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެކުގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވިފައިވާ މީހުންގެ ޝަރުތުތައް ކޮންމެ 100 ދުވަހަކުން އެއްފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި މުރާޖަޢާ ކުރެވޭނެ އެވެ.
އަދި ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން މި ނިޒާމުގެ ދަށުން ބަންދުން ލުޔެއް ހޯދަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ނިޒާމަކީ ރާއްޖޭގެ ޖަލުތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އަދި ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެންޖެހިފައިވާ ހާލަތެއްގައި، އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ އައު ނިޒާމެކެވެ.



