މިއަދު ހެނދުނު ހުޅުމާލޭ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމަންޓުގައެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 07:41 ގައެވެ. އެޕާޓްމަންޓުން ދުން އަރާ ކަމުގެ މައުލޫމާތު ލިބުމާއެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ އަލިފާން ނިއްވާ ޔުނިޓުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފައެވެ.
ފަޔަރ ސްޓޭޝަންގެ އޮފިޝަލުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގައި ހުރި ގޮދަޑިއެއްގައެވެ. އެމްއެންޑީއެފުން ވަނީ ރޯވެފައިވާ އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް ބުނެފައެވެ.
މިހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.



