މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހު ނިންމާލެވޭނެ ކަމަށް ލޭބަރ އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް 2021 ވަނަ އަހަރުގެ ނޮވެންބަރު 8 ވަނަ ދުވަހު ތަޢާރަފުކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައި ނުވާ ކަމަށެވެ. އަދި އޭރު އޮތް އެޑްވައިޒަރީ ބޯޑުން އެކުލަވާލަންޖެހޭ ރިޕޯޓު ވެސް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
“ކުރިން ތައްޔާރުކުރި ރިޕޯޓެއް ވެސް ނެތް. އަޅުގަނޑުމެންނަށް ވެސް ރިޕޯޓު ތައްޔާރުކުރެވޭނީ އެ ރިޕޯޓު ލިބިގެން،” މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށާއި، މިހާރު ކުރަމުންދަނީ އެ މަސައްކަތަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތް:
- ކުދި ވިޔަފާރިތަކަށް: މަހަކު 4,500 ރުފިޔާ
- މެދު ފަންތީގެ ވިޔަފާރިތަކަށް: މަހަކު 7,000 ރުފިޔާ
- ބޮޑެތި ވިޔަފާރިތަކަށް: މަހަކު 8,000 ރުފިޔާ
- ސިވިލް ސާވިސް: މަހަކު 7,000 ރުފިޔާ
ރާއްޖޭގައި މިނިމަމް ވޭޖް ރިވިއުކޮށް، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަނޑައަޅަންޖެހޭއިރު، މިނިސްޓަރު ހައިދަރު ވިދާޅުވީ މިއީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ ކަމެއް ކަމަށެވެ.



