ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ މައި ތަނބުތައްކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެފަރާތްތަކުގެ ދައުރު އިންތިހާއަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ ޕަބްލިކް ސާވިސް ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުޅި ދުނިޔޭގެ މުޖުތަމަޢުތައް ތަރައްޤީކުރުމުގައި ޕަބްލިކް ސާވަންޓުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާއެކު ދިވެހިރާއްޖެއިން ވެސް ބައިވެރިވާ ކަމަށެވެ.
ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް ދައުލަތުގެ މުވައްޒަފުންނާއި މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޕަބްލިކް ސާވަންޓުންގެ އެއްބާރުލުން ވަރަށް މަތީ ދަރަޖައެއްގައި ލިބެމުންދާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ޖޫން 23 ގައި ފާހަގަކުރާ ޕަބްލިކް ސާވިސް ދުވަހުގެ މިއަހަރުގެ ޝިއާރަކީ “2030އަށް 5 އަހަރު: ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޕަބްލިކް ސާވިސްގެ ޑެލިވަރީ އަވަސްކުރުން” އެވެ. މި ދުވަހާ ގުޅިގެން އުޒްބަކިސްތާނުގެ ސަމަރކާންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ސަރވިސް ފޯރަމްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއް ބައިވެރިވާނެއެވެ.
ޕަބްލިކް ސާވިސް ދުވަހުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، ސަރުކާރުގެ ވަޒީފާތަކަށް ޒުވާނުން ޝައުޤުވެރިކުރުވުމެވެ. އަދި ޤައުމީ ތަރައްޤީއަށް ދައުލަތުގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކުރުމެވެ.



