ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅޭ ދާއިރާތަކުގެ މިނިސްޓަރުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހިން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިކޮށް، ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ވޭޕް މަނާކުރުމާއި، ސިނގިރޭޓާއި ދުންފަތާ ގުޅުންހުރި އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
އަދި ދުންފަތާ ދުރު ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި، 21 އަހަރުން ދަށުގެ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލާ ގުޅުންހުރި ތަކެތި ވިއްކުން ވަނީ މަނާކޮށްފައެވެ. ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް ރާއްޖޭގައި އަޅަމުންދާ މި ފަދا ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް ދާދި ފަހުން ހަވާލުކޮށްފައެވެ.



