ސިފައިންނާއި ފުލުހުން ގުޅިގެން މިދިޔަ މާރިޗު މަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ އެންޓި-ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލަ އިއްޔެ ވަނީ ބަލައިގަނެފައެވެ. އަދި މި މައްސަލައިގައި ދަޢުވާ ކުރުމާމެދު އަންނަ މަހުގެ ހަތެއްގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އެ އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ސިފައިންނާއި ފުލުހުން ވަނީ މާލޭގެ ބައެއް ގެތަކާއި ތަންތަން ބަލައި ފާސްކޮށްފައެވެ. މީގެ ތެރޭގައި “ހ. ނާގޫރުގެ” އަދި “ނޫރުލްއައިން” ނަން ބޯޑު ޖަހާފައިވާ ގެއެއް ހިމެނެއެވެ. މި ގެތަކުން ބައެއް މީހުންނާ ސުވާލުކުރުމަށްފަހު، އެއް ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މައްސަލައާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ހަވީރަށް ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލުކުރި ނަމަވެސް، އެ ބައްދަލުވުން ވަނީ ފަހުން ކެންސަލްކޮށްފައެވެ. އަދި އެ ބައްދަލުވުން އަލުން ބޭއްވުމަށް ތާރީޚެއް މިހާތަނަށް ހަމަޖައްސާފައެއް ނުވެއެވެ.
އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވިއެވެ. މި އޮޕަރޭޝަނަކީ ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެކެވެ.



