މިއަދު ހެނދުނު ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ނިޔާވި ސިފައިންގެ ވޮރަންޓު އޮފިސަރު 2 އަލީ ހާމިދުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ހާމިދު މި ދުނިޔެއާ ވަކިވެގެން ދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ. އަދި ހާމިދަކީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައިވެ އެވެ.
“މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުއާ ކުރަމެވެ،” ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
މި ހާދިސާ ހިނގީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓް މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލުމުންނެވެ. އެ އުޅަނދުގައި ތިން ސިފައިންނާއި ތިން ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ ހަ މީހުން ދަތުރުކުރި އެވެ.
އުޅަނދު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ. މި ހާދިސާގައި ގެއްލުނު ބަންގްލަދޭޝްގެ އެއް މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މިވަގުތުވެސް ދަނީ ކުރަމުންނެވެ.



