ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން 06 މީހުން ދަތުރުކުރި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި, 1 އާންމު ފަރާތް އަދި 3 ބިދޭސީންނެވެ. އަދި، އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
އަދި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.



