ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ބޭސްފަރުވާއަށް، އިންޝުއަރެންސް ޚިދުމަތް ތަޢާރަފްކުރުމަށް ނިންމައިފިއެވެ.
މުޙައްރަމް 1447 އިން ފެށިގެން ތައާރަފްކުރާ މި އިންޝުއަރެންސް ޚިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެލައިޑް އިންޝުއަރެންސާ ގުޅިގެންނެވެ. މި ޚިދުމަތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިން ކަވަރު ނުކުރާ ޞިއްޙީ ޚިދުމަތްތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް ލުއިކޮށްދިނުމާއި، ބައެއް ޙާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަންޖެހޭ ބޭސް ގެނައުމަށް މަގުފަހިކޮށްދިނުންކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ފާއިތުވި އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމުގައި ވެސް ވެއެވެ.
ޒަކާތު ފަންޑުން މިހާރުވެސް ފަޤީރުންނަށް ބޮޑެތި ޚަރަދުތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި، ފަޤީރުންގެ ބޭސްފަރުވާއަށް ހޭދަކުރުމާއި، މި ނޫންވެސް އެހެނިހެން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.



