މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް ފޮނުވާފައިވާ ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ
.
ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ.” އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ