ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމާ ދިމާކޮށް، އެއަރޕޯޓުގެ ޓްރެފިކަށް ގެނެވޭ ބަދަލުތަކަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތާވަލުކޮށްފައިވާ އައު ޓަރމިނަލްގެ މަސައްކަތްތައް ނިންމުމުގެ އެންމެ ފަހު މައުލާމާތު އެމްއޭސީއެލްއިން މިއަދު ނޫސްވެރިންނަށް ވަނީ ދީފައެވެ.
އެގޮތުން އެމްއޭސީއެލުން ބުނިގޮތުގައި އައު ޓަރމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓަށް ވަދެނިކުމެވާ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި، މިގޮތުން ބައެއް މަގުތައް ވަނީ ބަންދުކުރެވިފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ޓަރމިނަލަށް ދަތުރުކުރާ އުޅަނދުފަހަރުގެ ދަތުރު މަގުތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.
މި ބަދަލުތަކާއެކު އާންމުންނަށް ފަސޭހައިން މަގު އެނގޭނެހެން އެކި ހިސާބުތަކުގައި މަގު ދައްކައިދޭ ނިޝާންތައް ބެހެއްޓިފައިވާ ކަމަށާއި، އެއަރޕޯޓުގެ ސެކިއުރިޓީ މުވައްޒަފުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން އެދިފައިވެއެވެ.



