ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ގާނޫނު ހަދާ މަޖިލީހުގެ ދުވަހާ ގުޅިގެން، މަޖިލިސް ހަރުދަނާކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހެދުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ޑިމޮކްރަސީ ދެމެހެއްޓުމާއި ހެޔޮ ވެރިކަމެއް ކުރިއެރުވުމުގައި މަޖިލީހުގެ ދައުރު އަދާކުރާ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ރއީސް ފާހަގަކުރެއްވި އެއް ކަމަކީ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ތަމްސީލު ކުޑަވުމުގެ މައްސަލައެވެ. މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫންކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައިވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ މަޖިލީހެއް އޮތުން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވެއެވެ.



