ޙައްޖާއި ޢުމްރާއާ ގުޅޭ ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތަޢާރަފުކޮށްފިއެވެ. “ޙާޖީ އެމްވީ” ގެ ނަމުގައި ނެރެފައިވާ މި އެޕް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ. މޫސާ އަންވަރު ޙަސަންއެވެ.
މި އެޕަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މި އެޕްގައި ޒިކުރުކުރުމާއި، ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރުކުރުމުގެ އިތުރުން، ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި، މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯތައް ހިމެނިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި އެޕްގެ ފުރަތަމަ ވާރޝަން މިހާރު ވަނީ ގޫގުލް ޕްލޭ ސްޓޯރގައި ލިބެން ހުޅުވާލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯއިން ވެސް މި އެޕް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މަޢުލޫމާތުތަކެއް ހިމެނޭ މި އެޕްގެ ސަބަބުން، ދުޢާ ފޮތްތަކާއި ޙައްޖާއި ޢުމްރާއާ ބެހޭ ފޮތްތައް ގެންގުޅުމަކާ ނުލައި، ހަމައެކަނި ފޯނުން މި ދާއިރާއާ ގުޅޭ މަޢުލޫމާތު ޙާޞިލްކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އެޕް އިތުރަށް ތަރައްޤީކުރެވިގެންދާނެ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.



