ސިންގަޕޫރަކީ ރާއްޖެއިން ނަމޫނާއެއްގެ ގޮތުގައި ބަލާ ޤައުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖޭން އިޓޯގީ ޝަންމުގަރަނަމްގެ ޝަރަފުގައި ބޭއްވި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ މި ދަތުރުފުޅުގައި، ސިންގަޕޫރު ސަރުކާރާއި ރައްޔިތުން ދެއްވި މެހުމާންދާރީއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސިންގަޕޫރުން ހޯދާފައިވާ ކުރިއެރުންތަކަކީ ރާއްޖެއިން ނަމޫނާއެއްގެ ގޮތުގައި ބަލާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ތަޖުރިބާތަކުން އެއްބަޔަކު އަނެއްބަޔަކަށް އުނގެނިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ.
ރަސްމީ ފަރިއްކޮޅުގެ ކުރިން، ރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ދެ ޤައުމުގެ ރައީސުން ވަނީ ހަނދާނީ ސްޓޭމްޕެއް ނެރުއްވާފައެވެ.



