ތިލަމާލޭ ބްރިޖްގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ ޕައިލިންގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ހާމަކުރެއްވި ގޮތުގައި، މި މަސައްކަތުގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ހޮޅި ވަނީ ފައްތާފައެވެ. އަދި މިހާތަނަށް މުޅި ބްރިޖް މަޝްރޫޢުގެ 60.84 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބްރިޖުގައި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ހިމެނޭނެއެވެ. މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.
މުޅި މަޝްރޫޢުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އިސްފަރާތްތަކާއެކު އެކި ފަހަރުމަތިން މަޝްވަރާކޮށްފައެވެ.



