ސިންގަޕޫރަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅުގައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީ، މަތީ ތަޢުލީމު، އަދި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުގެ ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެމްއޯޔޫތަކުގައި ސޮއިކުރެވުނު ކަމަށެވެ. އަދި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒްއާއެކު އެއްބާރުލުމާއި، ތަޖުރިބާ ދަތުރުތަކުގެ ތެރެއިން ތަރައްޤީއަށް ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ވެސް އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަމަށެވެ.
މި ދަތުރުފުޅުގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
“ޑިޕްލޮމެޓިކް ގުޅުމުގެ 50 އަހަރު ފާހަގަކުރާއިރު، މި ދަތުރުން މޯލްޑިވްސް-ސިންގަޕޫރު ގުޅުމުގެ އައު ބާބެއް ފެށިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް” ރައީސް އިތުރަށް ވިދާޅުވެފައިވެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ފާހަގަކުރެވެ އެވެ. އަދި މީގެއިތުރުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލުކުރައްވާފައިވެ އެވެ.



