ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ޕީއެންސީގައި މިވަގުތު 68،665 މެންބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގައި 43،765 މެންބަރުން ތިބިކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮންމެ 6 މަހަކުން އެއްފަހަރު އާންމުކުރަންޖެހޭ މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގައި 9،011 މެންބަރުން އަދި އަދާލަތު ޕާޓީގައި ތިބީ 8،844 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 27 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ކަނޑައަޅާފައިވަނީ 13.3 މިލިއަން ރުފިޔާއާއެކު ޕީއެންސީއަށެވެ. އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އީސީން ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާ ގުޅޭގޮތުން ހުށަހެޅެމުންދިޔަ މައްސަލަތައް މިހާރު ވަނީ ހުއްޓިފައެވެ. އަދި ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު ދޫކުރަމުންދަނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށްކަން ފާހަގަކުރެވެއެވެ.



