ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ. މި ގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސީ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް އަދި ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ. އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް އަހަން މަޖިލީހުން ނިންމާ ކަންކަމުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާއި އެ މައްސަލައާ އެއްކޮޅު ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތައް ބަޔާންކުރާ ކަރުދާހެއް އެކުލަވާލައި ފާސްކުރަންޖެހޭނެއެވެ.



