މިދިޔަ މަހު ވަގަށް ނެގި 3.3 މިލިއަން ރުފިޔާގެ 69 ސައިކަލު ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ. މިއީ މާލެ ފްރަންޓްލައިން ޕޮލިސިންގް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ހާމަވާ މަޢުލޫމާތެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 26 މައްސަލައެއްގައި ހިމެނޭ 406,098 ރުފިޔާއާއި، 202,375 ރުފިޔާގެ 29 މޯބައިލް ފޯނު ވެސް ވަނީ އަނބުރާ ހޯދާފައެވެ. މީގެ އިތުރުން 80,400 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއި 110,263 ރުފިޔާގެ އެހެނިހެން ތަކެތިވެސް ވަނީ އަނބުރާ ހޯދާފައެވެ.
ފުލުހުންގެ މަސައްކަތުގެ ތެރޭގައި މިދިޔަ މަހު 45,380 ތަނެއް ޗެކްކޮށް، 5,015 މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4,833 މީހުން ހިމެނެއެވެ.
އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ 13 ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.



