ދިވެހިރާއްޖެ އުފެދި ނަން ދެވިފައިވަނީ ދިވެހިބަހުގެ ސަބަބުން ކަމަށާއި، ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ބަހަކީ އެތައް ހާސް އަހަރެއްވަންދެން އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބެވެ.
ދިވެހިބަހުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަކީ ތާރީފުކުރެވޭ ކަމެއް ކަމަށެވެ.
“ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް ތާރީފުގެ ބަސްތައް ތަކުރާރު ކުރަމުން، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަން.” ރައީސް ވިދާޅުވެފައި ވެއެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ ހުރިހާ ލިޔުންތެރިންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހިބަސް ކުރިއެރުވުމަށް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ.



