އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ބ.ކެންދޫ ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ހިންގި “މޫދު ކަސްރަތު” ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައިފިއެވެ. 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި 44 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
ދުޅަހެޔޮ ޞިއްޙަތަކާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ހިންގުނު މި ޕްރޮގްރާމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ދިނުމަށްޓަކައި 10 ބައިވެރިން ޚާއްޞަ ތަމްރީނެއް ފުރިހަމަކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އިންސްޓްރަކްޓަރުން ވަނީ ކަސްރަތުގެ މުހިންމުކަމާއި، ރަނގަޅު ކާނާގެ މުހިންމުކަމާއި، އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
ޖުލައި 7 ވަނަ ދުވަހު ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޓްރެއިނިންގ އެންޑް އޮޕަރޭޝަން އޮފިސަރ، ފަސްޓް ލެފްޓިނެންޓް އާދަމް އަޝްފާޤެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމުގައި ރަންވަނަ ހާސިލުކުރި ބައިވެރިންނަށް ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައިވެއެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމުގެ މުހިންމުކަން އުނގަންނައިދިނުމަށް ހިންގުނު ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.



