ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލާފައިވާ 1،244 ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ޞިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ފުރުޞަތު ދޭނެކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވާފައިވާ މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުންނެވެ.
ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ޝޯޓްލިސްޓުކުރެވިފައިވާ ފަރާތްތަކާއި، ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ހޮވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މަޢުލޫމާތު ހިއްސާކުރާނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ސިލެކްޝަން ޕްރޮސެސްގައި، ކެންޑިޑޭޓުންނަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ހާޒިރުވުމުގެ ފުރުޞަތު ދެވޭނެއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިމުމާއެކު، ލަސްތަކެއް ނުވެ ދެވަނަ ބުރު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



