މިދިޔަ މަހުގެ ތެރޭގައި 13 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަން މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުގެ ތަފާސްހިސާބުތަކުންދައްކައިފިއެވެ.
މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މަހު 45،380 ތަނެއް ޗެކްކޮށްފައިވާއިރު، މަގުމަތިން 5،015 މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،833 މީހުންނާއި ކުށުގެ ރެކޯޑް ނެތް 182 މީހުން ހިމެނެއެވެ.
އަދި މިދިޔަ މަހު ފުލުހުން ވަނީ ވަގަށް ގެންދިޔަ 69 ސައިކަލު ހޯދާފައެވެ. މި ސައިކަލުތަކުގެ ޖުމްލަ އަގު 3.3 މިލިއަން ރުފިޔާއަށް އަރާއިރު، 29 މޯބައިލް ފޯނު ވެސް ހޯދާފައިވެއެވެ. މި ފޯނުތަކުގެ އަގު 202،375 ރުފިޔާއަށް އަރައެވެ.
މީގެ އިތުރުން، ފުލުހުންގެ މަސައްކަތުން 26 މީހެއްގެ އަތުން ވަގަށް ނަގާފައިވާ 406،098 ރުފިޔާ ހޯދާފައިވާއިރު، 8 މީހެއްގެ އަތުން 80،400 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ވެސް ހޯދާފައިވެއެވެ. މީގެ އިތުރުން 110،263 ރުފިޔާގެ އެހެނިހެން މުދާވެސް ވަނީ އަނބުރާ ހޯދާފައެވެ.



