ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އައު ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ޓްރަޔަލެކެވެ. އަދި ޓަރމިނަލް ހުޅުުވުމުގެ ކުރިންނާއި ޚިދުމަތް ފެށުމަށް ފަހު މުޅި ޓަރމިނަލަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނާއެކު ކުރިއަށްގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެއެވެ. އޭގެ އިތުރުން އައު ޓަރމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުވެސް ވަނީ ޓްރަޔަލް ކުރިއަށްދިޔަގޮތް ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ސީއީއޯ ޝަރީފެވެ.


ސީއީއޯ ޝަރީފުގެ އިތުރުން މި ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާންއާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



