ގދ. ގައްދޫން ފުރައިގެން އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގަމަށް ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަނިކޮށް ގެއްލުނު 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު މިއަދު ގަމު ކޮޅުން ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ޒަކަރިއްޔާގެ ހަށިގަނޑު ފެނުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:45 ހާއިރުއެވެ. ޒަކަރިއްޔާ އެންމެ ފަހުން ފެނިފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ ހެނދުނު 11:15 ހާއިރު ގަމުން ފުރި ވަގުތުއެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެންނެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ކަނޑުމަގުން 2,307.99 އަކަ ނޯޓިކަލް މޭލާއި، ވައިގެމަގުން 3,039.68 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. މި ސާރޗް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ.



