ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރާގްރާމް ފުރަތަމަ ބެޗަށް ބައިވެރިން ހޮވުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ޑިފެންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ އެންމެ ފުރަތަމަ ކުރިއަށްދަނީ އައްޑޫ ހިތަދޫ، ކުޅުދުއްފުށި، އދ. މަހިބަދޫ އަދި ލ. ގަމުގައެވެ.
މި ޕްރޮގްރާމްގެ ބައިވެރިން ހޮވުމުގެ މަރުޙަލާގައި އިންޓަވިއު، މެޑިކަލް ޓެސްޓްތައް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ހިމެނެއެވެ. ފުރަތަމަ ބުރަށް ޖުމްލަ 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އެޕްރީލް މަހު މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، 1,244 ޒުވާނުން ވަނީ ކުރިމަތިލާފައެވެ.



