ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިންމާ އުފުލާނެ “މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް” ގެ ނަމުގައި އައު އޮފީހެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ޤާއިމުކުރުމާއި، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
ބިލު ފާސްވުމުން އުފެދޭ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީއެވެ. މި މަޤާމަށް މީހަކު އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. އަދި މި މަޤާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުންނެވެ.
މި ބިލުގެ ދަށުން ހިމާޔަތްކުރެވޭ ފިކުރީ މުދަލުގެ ތެރޭގައި ޓްރޭޑްމާކް، ކޮޕީރައިޓް، ޕޭޓަންޓް، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.



