ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ 922 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 20 ވަޒީރުންނާއި، ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުންނެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 7 ބޭފުޅުން ހިމެނެއެވެ.
މީގެއިތުރުން ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުންނާއި، އެ ފެންވަރުގައި 20 ބޭފުޅުން ތިއްބެވިއިރު، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުންނާއި، އެ ފެންވަރުގައި 8 ބޭފުޅުން ތިއްބެވިއިރު، ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުންނާއި، އެ ފެންވަރުގައި 4 ބޭފުޅުން ތިބިކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އަދި އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅުންނާއި، އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން ހިމެނެއެވެ.
ރައީސްގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަމުންދާ ކަމަކަށްވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެއެވެ.



