ރައީސް މުހައްމަދު މުއިއްޒު މަތީ ފަންތީގެ ވަފުދަކާއެކު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރިއާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަފާރި ފޯރަމެއްގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ދުވަސްވަރު ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ.



