ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއިން ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކުރުމުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުން ނިމުމުގެ ކުރިން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވާފައިވެއެވެ.



