މޫސުން ގޯސްވެ ވައިގަދަވުމާ ގުޅިގެން ޚާއްސަކޮށް ފޭސް 2 ސަރަހައްދުން ގިނަ އަދަދެއްގެ ސައިކަލުތަކަށް ގެއްލުންވަމުންދާޓީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގައި ގަދަޔަށް ވައިޖެހޭއިރު، ސައިކަލު ރަނގަޅަށް ޕާކު ކުރުމަށާއި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ ކުދިކުދި ރައްކާތެރި ފިޔަވަޅުތައް އެޅުމަކީ މުދަލަށް ގެއްލުންވުން ހުއްޓުވައި، މަގުތައް ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ފުލުހުންގެ އެންމެ އިސް އަމާޒު ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
“މިވަގުތު ފުލުހުންގެ ޓީމުތަކުން ދަނީ ސަރަހައްދުތައް މޮނިޓަރކުރަމުން. އަދި އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި,” ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެކަކު އަނެކަކަށް އެހީތެރިވެ، އެއްބާރުލުން ދިނުމަކީ މިފަދަ ދަނޑިވަޅެއްގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ސައިކަލު ޕާކުކުރާއިރު ސްޓޭންޑު ރަނގަޅަށް ޖަހައި، ސައިކަލު ވެއްޓިދާނެ ގޮތަކަށް ނުބެހެއްޓުމަށް ފުލުހުން ވަނީ ޚާއްސަ އިރުޝާދުތަކެއް ދީފައެވެ.



