ކޭޕާކް ފްލެޓުތަކުގެ މައްސަލައަށް ހައްލު ހޯދައިދޭނީ މި ސަރުކާރުން ކަމަށާއި، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް އެއްވެސް ބޭފުޅަކު ހާޒިރުކުރާ ނަމަ، ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު ހާޒިރުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން، ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ފަލާހު ވިދާޅުވީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ނިމިދިޔަ ސަރުކާރުގައި ކަމަށެވެ.
“ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޭޕާކުގެ ވެރިންނަށް އެމްޑީޕީގެ ވެރިކަމުގަ ވަރަށް ބޮޑު ހިމާޔަތާއި ރައްކާތެރިކަން ދީ، ކޭޕާކުގެ ވެރިންގެ ގޮތުގައި ތިބި ބޭފުޅުން އެމްޑީޕީގެ ވެރިންގެ ރަހުމަތްތެރިންގެ ގޮތުގައި އުޅުނު މަންޒަރު،” ފަލާހު ވިދާޅުވިއެވެ.
ކޭޕާކް މަޝްރޫއުގެ ތެރެއިން ކުރީގެ ރައީސް ޔާމީން ފައިސާ ނަންގަވާފައިވާކަމަށް ތުހުމަތުކުރައްވައި، ޔާމީން ނެންގެވީ ކިހާ ފައިސާއެއްތޯ ސުވާލުކުރަން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުގެ ވެރިން ވެސް ކޭޕާކް ވެރިންގެ އަތުން ނެގީ ކިހާ ފައިސާއެއްތޯ ސުވާލުކުރަން ޖެހޭކަމަށްވެސް އެމެންބަރު ފާހަގަކުރެއްވިއެވެ.
މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، މި ކަމަކީ ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވާތީ، އަދި ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖުތިމާއީ މައްސަލަތަކެއްގެ އަސްލެއް ކަމަށް ވާތީ، ފްލެޓުތައް ހަވާލުކުރުން ލަސްވާ ނަމަ ފްލެޓުތައް ގަތް އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެގެން ދިއުމުގެ ނުރައްކާ ބޮޑު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރަސްމީކޮށް އިފްތިތާހުކުރި ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް ނިންމުމަށް ތަފާތު ތާރީޚުތައް ދިން ނަމަވެސް، މިހާތަނަށްވެސް އެތަނުގައި ދިރިއުޅެވޭ ވަރެއް ނުވެއެވެ.



