މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖަހާފައިވާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލެ ހޮސްޕިޓަލުގައި ތުއްތު ކުދިން ގަޔަށް ޖަހާފައިވާ މައްސަލަ ވަނީ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައެވެ. އެހެންކަމުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަދި މިމައްސަލާގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުންވެސް ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެއެވެ. މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ސަމާލު ކަމަށް ގެނެސްފައިވަނީ މިއަދު ވިލިމާލެ ދާއިރާގެ މެންބަރުއެވެ.