ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާ ގުޅިގެން އެޗްޑީސީން ފަށައިފިއެވެ.
މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިރުމަތީ ފަރުން ވަކި ބާވަތެއްގެ މުރަކަ ނަގައި، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދުމަށް ވަނީ ރޭވިފައެވެ.
އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި މި ހަރަކާތުގެ މައިގަނޑު އަމާޒަކީ އެ ސަރަހައްދުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުމެވެ. މީގެ އިތުރުން މިއީ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގައި އެޗްޑީސީގެ އެމްޑީގެ އިތުރުން އީޕީއޭ އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ ބައިވެރިވެ، މުރަކަ އިންދުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ. އެޗްޑީސީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމާއެކު ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.



