ނ. ފޮއްދޫ ރައްޔިތުން 40 އަހަރު ވަންދެން އުންމީދުކޮށްގެން ތިބި ބަނދަރުގެ މަސައްކަތް މިއަދު ރައީސް ފައްޓަވައިދެއްވައިފިއެވެ.
ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ މަސައްކަތްތަކުގެ ނިމުން ފާހަގަކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު 300 އެއްހައި މީހުން ދިރިއުޅޭ ފޮއްދުއަށް ވަޑައިގެން، ރައީސް މުއިއްޒު ވަނީ ބަނދަރު ހެދުމުގެ މަސައްކަތާއި، ޕޮލިސް ޕޯސްޓާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫއުތައް ފައްޓަވައިދެއްވާފައެވެ.
އެމްޓީސީސީން ކުރިއަށްގެންދާ ބަނދަރު ހެދުމުގެ މަޝްރޫއަށް 53.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލެބޯޓްރީގެ ޚިދުމަތް އިތުރުކުރުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
“އަޅުގަނޑު ދެން އަންނަން ގަސްތުކުރަނީ މިއަދު ފެށުނު މަޝްރޫއުތައް ނިމިގެން، އެ ކަންކަމުގެ އުފަލުގައި ބައިވެރިވާން. އެ އުންމީދުގައި ވަކިވެލާނަން،” ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.



