މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން، މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަޙައްދުތަކުގައި ޕާކުކޮށްފައި ހުރި އެންމެހައި ވެހިކަލްތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.
ފުލުހުން އާންމުކުރި ޗާޓެއްގައި ފާހަގަކޮށްފައިވާ ގޮތުން، ވެހިކަލް ނެގުމަށް އަންގާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުން ބީއެމްއެލްއިން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށާއި، އަމީރު އަޙުމަދު މަގާއި، މެދުޒިޔާރަތް މަގާއި، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތަކާއި، ޗާންދަނީ މަގާއި ލިލީ މަގުން ބައެއް ހިމެނެއެވެ.
ފުލުހުން ބުނާ ގޮތުގައި މިއަދު ހަވީރު 6:00 އަށް މި ސަރަޙައްދުތަކުން ނުނަގާ ހުންނަ ވެހިކަލްތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމާއެކު، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި މަގުމަތީގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހިންގާ ގިނަ ހަރަކާތްތައް ހިމެނެއެވެ.



