އއ. މާޅޮހުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ރަހުމުކުޑަ އަނިޔާތަކެއްދީ މަރާލާފައިވާ އަބްދުއްރަހުމާން އާދަމުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިއުމަށްފަހު ރޭ މާލެ ގެނެސްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިވަގުތު އޭނާގެ ހަށިގަނޑު ބަހައްޓާފައިވަނީ މޯޗަރީގައެވެ. އަބްދުއްރަހުމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.
އަބްދުއްރަހުމާން މަރުވެފައިވަނީ ގޭގައި ނިދާފައި އޮއްވާ ބޮޑެތި އަނިޔާތަކެއްދީ ޒަހަމްކޮށްލުމުން، މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓަރކޮށް، މާޅޮހުގެ ބައެއް ތަންތަން ބަލައި ފާސްކުރަމުން ގެންދެއެވެ. ނަމަވެސް މިހާތަނަށް މި މަރުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މަރުގެ ހާދިސާ ހިނގިއިރު ގޭގައި ތިބީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނިކަމަށާއި، ދެމީހުން ނިދާފައި އޮތީ ދެ ކޮޓަރީގައި ކަމަށް ރަށުން ވާހަކަދެއްކި ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ. އަބްދުއްރަހުމާންގެ ތިން ދަރިން ދިރިއުޅެމުން ގެންދަނީ ރަށުން ބޭރުގައެވެ.



