ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ގަޑިތަކެއްގައި މަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ 2025 ޖުލައި 25، 26 އަދި 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފައިވެއެވެ.
މި ނިންމުމުގެ ދަށުން، ޖުލައި 25 ވަނަ ދުވަހު މެންދުރުފަހު 1 އިން 6 އަށް ބަރު އުޅަނދުފަހަރުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ. އަދި 26 ވަނަ ދުވަހު ހަވީރު 3 އިން ރޭގަނޑު 6:30 އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ. މީގެއިތުރުން 27 ވަނަ ދުވަހުގެ ހަވީރު 6 އިން މެންދަމު 12 އަށް ބަރު އުޅަނދުފަހަރުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ.
ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް މި މަނާކުރުމުން އިސްތިސްނާ ކޮށްފައިވެއެވެ.
މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް ސަރުކާރުން ވަނީ އަންގާފައެވެ. މި ނިންމުމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (2009/5) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަންފީޒުކުރެވޭ ނިންމުމެކެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި، ސެކިއުރިޓީ މަސައްކަތްތައް ފަސޭހަކުރުމަށް މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



