މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ހުކުރު ޚުޠުބާގައި، އިސްލާމްދީނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރެއިން އެއް މަޤްޞަދަކީ ބުއްދި ރައްކާތެރިކުރުން ކަމުގައި ފާހަގަކޮށް، މި މުހިންމު ނިޢުމަތް ހިމާޔަތްކުރުމަށް ގޮވާލައްވައިފިއެވެ. އަދި މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ޚާއްޞަ ނިޢުމަތެއްގެ ގޮތުގައި ބުއްދީގެ ބާރު ފާހަގަކުރައްވައި، މިއީ ހެޔޮ ނުބައި ވަކިކުރުމުގެ ޤާބިލުކަން ލިބިގެންވާ ނިޢުމަތެއްކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި ޤުރުއާނާއި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ހެކިދައްކަވައި، ބުއްދި ރައްކާތެރިކުރުމުގެ ތެރޭގައި އޮންލައިން ގެމްބްލިންގ އާއި ނުރައްކާތެރި އާދަތަކުން ދުރުހެލިވުން ހިމެނޭކަން ފާހަގަކުރެއްވިއެވެ. އިސްލާމްދީނުގައި ޢިލްމު އުނގެނުމާއި، ﷲ ގެ މަޚްލޫޤާތުގެ މައްޗަށް ވިސްނުމާއި، މުޖުތަމަޢުއަށް ފައިދާހުރި ކަންކަމުގައި ބައިވެރިވުމަށް ބާރުއަޅުއްވާއިރު، ވިސްނުން ހަލާކުކޮށް ނަފްސު އަޅުވެތިކުރުވާ ކަންކަމުން އިންސާނާ ދުރުކުރުވާކަން ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ކޮންމެ މީހަކުވެސް އޭނާގެ ބުއްދިއާއި ވަގުތު ބޭނުންކުރި ގޮތަކާމެދު ސުވާލުކުރެވޭނެކަން ހަނދާންކޮށްދެއްވައި، ޣާފިލްކަމުން ދުރުހެލިވެ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޒިންމާދާރު ދިރިއުޅުމެއް އުޅުމަށް މުޖުތަމަޢުއަށް ގޮވާލެއްވިއެވެ. އަދި ޤުރުއާނުގައި އިންޒާރު ދެއްވާފައިވާ ފަދައިން، ބުއްދި ރަނގަޅު ގޮތުގައި ބޭނުން ނުކޮށް، ނަފްސާނީ އެދުންތަކަށް ތަބާވުމުން އިންސާނާ ޖަނަވާރަށްވުރެވެސް ދަށުދަރަޖައަކަށް ވެއްޓިދާނެކަން ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ މައިންބަފައިންނާއި، ޒުވާނުންނާއި، މުޖުތަމަޢުގެ އިސްފަރާތްތަކަށް ގޮވާލައްވައި، މުޖުތަމަޢުގެ ފިކުރީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށާއި، އިސްލާމީ އަޤީދާއާ އެއްގޮތަށް އަމިއްލަ ތަރައްޤީއާއި މުޖުތަމަޢުގެ ލާބައަށް ބުއްދީގެ ނިޢުމަތް ބޭނުންކުރުމަށް ހިތްވަރުދެއްވަމުންނެވެ.



