ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ބިނާކުރި ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މިއަދު ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށް ހުޅުލޭގެ އުތުރު ނެރު ބަންދުކުރުމަށް އެމްއޭސީއެލްއިން ނިންމައިފިއެވެ.
އެމްއޭސީއެލްއިން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، މި ވަގުތުތަކުގައި އުތުރު ނެރުގެ ބަދަލުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު، އަދި ނިކުތުމަށް މެދުގައިވާ ނެރު ބޭނުންކުރެވޭނެ ކަމަށެވެ. އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތާ ގުޅިގެން އުފާފާޅުކުރުމުގެ ގޮތުން، މާލެ ވަށައިގެން 19 ސަރަހައްދަކުން ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ހަވާ އަރުވަން ފަށާނީ ރޭގަނޑު 8:30 ގައެވެ. މީގެ ތެރެއިން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާއިރު، ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ތިން ސަރަހައްދެއްގައި ހަވާ އަރުވާނެއެވެ.



