އެހެން ބަޔަކު އައިސްގެން ގައުމުގެ ކަންކަން ބެލެހެއްޓުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އޭޑީކޭ ޖެނެރަލްގައި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް އިސްކަންދެނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރައްވާ ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެހެން ހުރިހާ ގޮތަކުން ވެސް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މި ސަރުކާރުގެ ސިޔާސަތު އޮންނާނީ ހުރިހާ ގައުމަކާ އެކީގައި ކަމަށެވެ. އެހެންނަމަވެސް، އެހެން ބަޔަކު އައިސް ރާއްޖޭގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ ސިޔާސަތެއް ނޫން ކަމަށާއި ފުލުހުންނާއި ސިފައިންނަށް މި ސަރުކާރުން އެހާ އިސްކަމެއް ދެނީ މިހެންވެގެން ކަމަށެވެ.
ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ބޮޑު ސަރަހައްދެއް އޮންނައިރު، ސިފައިންނާއި ފުލުހުންނަށް ބޮޑު އަދަދެއް އިންވެސްޓުކުރަނީ ގައުމުގެ ކަންކަން އަމިއްލައަށް ބެލެހެއްޓުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، ގައުމުގެ ކަންކަން ބެލެހެއްޓުމުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހޭ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިފައިންނާއި ފުލުހުންގެ ދައުރު ފުޅާކުރުމަށާއި ގާބިލްކަން އިތުރު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސަރުކާރުން އިސްކަން ދެއްވައި، ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ. އަދި އަބުތާލުން ގައުމަށްޓަކައި ވެދެއްވި ޖިހާދަށް ޝުކުރުވެރިވާން ޖެހޭ ކަމަށާއި އަންނަން އޮތް ޖީލުތަކަށް ގައުމު މިނިވަންކަމާ އެއްކޮށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.



