ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އެހެނިހެން އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިނިވަން ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރެވުނެވެ. އަދި ރަސްމިއްޔާތު ނިންމާލެވުނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީން ޤައުމީ ސަލާމް އިއްވުމާ އެކުގައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލޭ ސަރަހައްދުގެ މަގުތަކުގައި ތިން ދުވަހުގެ މުއްދަތަށް ބައެއް ވަގުތުތަކުގައި އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ. .
މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. މިއީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.



